ސެންޓްރަލް އަދި އީސްޓަން ޔޫރަޕުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2019 ވަނަ އަހަރާ އަޅާ ބަލާއިރު 136.8 ޕަސެންޓް އިތުރުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން ރާއްޖެއަށް އާންމުކޮށް ޓޫރިސްޓުން އަންނަ ގައުމުތަކުން އެރައިވަލްސް ދަށްވިޔަސް ޖުމްލަ ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމަށް މިއަހަރު ވަނީ ކުރިއެރުން ލިބިފަ އެވެ. އެންމެ ގިނައިން ރާއްޖެ މިއަހަރު ރާއްޖެ އައިސްފައި ވަނީ އެގޮތުން ސެންޓްރަލް އާއި އީސްޓާން ޔޫރަޕް ސަރަޙައްދުންނެވެ،

އެ ދެ ސަރަހައްދުން މިއަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 185،090 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 136.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ސެންޓްރަލް އަދި އީސްޓަރން ޔޫރަޕަށް ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ކަޒަކިސްތާން، ޔޫކްރެއިން، ރޮމޭނިއާ، ބަލްގޭރިއާ، ޕޮލޭންޑް އަދި ސްލޮވޭކިއާ ފަދަ ގައުމުތަކުން މިއަހަރުގެ މހާތަނަށް ރާއްޖެއަށް ވަނީ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.

ޔޫކްރެއިން އަކީ މިހާރު ތިންވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ. އެ ގައުމުން ރާއްޖެއަށް މިހާތަނަށް 22،265 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. 2019 ވަނަ އަހަރު ރާއްޖެއަށް އެގައުމުން އެ މުއްދަތުގައި އައިސްފައި ވަނީ 5،000 އެއްހާ ޓޫރިސްޓުންނެވެ.

ކަޒަކިސްތާނުން ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ވަނީ ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެގައުމުން ރާއްޖެއަށް 16،092 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ގާތްގަނޑަކަށް 2011 ޓޫރިސްޓުންނެވެ.

އޭޝިއާ ސަރަޙައްދަށް ބަލާއިރު ސައުތު އޭޝިއާ ސަރަޙައްދުން މި މުއްދަތުގައި 95،179 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 227.1 ޕަސަންޓުގެ ކުރިއެރުމެކެވެ.

ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތްކުރާ 10 މާކެޓުގެ ތެރޭގައި ހިމެނޭ ރަޝިއާ އާއި އިންޑިއާ ފަދަ ގައުމުތަކުންވެސް ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޢަދަދު 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެފަ އެވެ.

ތަފާސް ހިސާބުތަކަށް އިތުރަށް ބަލާއިރު ރާއްޖެއަށް އަހަރުގެ މިހާތަަނަށްވަނީ 407،196 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއި 39.6 އިންސައްތަ ދަށް އަދަދެކެވެ. އަދި 2020 ވަނަ އަހަރާއި އަޅާ ބަލާއިރު 6.4 އިންސައްތަ އިތުރު އަދަދެކެވެ.