ލައިސަންސަކާއެކު ޓޫރިޒަމަށް ދޫކުރާ ރަށެއްގައި ތަފާތު އެކި ޓޫރިސްޓް ފެސިލިޓީތައް ތަރައްގީކުރުމުގެ ފުރުސަތު ލިބޭ ގޮތަށް އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު (އައިޓީއާރް) ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު ގެޒެޓްކޮށްފި އެވެ.

މިދޔަ އަހަރު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު އިންޓަގްރޭޓެޑް ރިސޯޓްތައް ތަރައްގީކުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. ނަމަވެސް އައިޓީއާރްގެ ގަވާއިދުތައް އާންމުކުރީ މިއަދު އެވެ.

ޓޫރިޒަމް ސިނާއަތް ފެށުނީއްސުރެ ރާއްޖޭގައި މިހާތަނަށް ރިސޯޓްތަށް ތަރައްގީކޮށްފައިވަނީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށެވެ.

އައިޓީއާރުގައި ވަކިވަކި ވިޔަފާރިތަކެއްގެ ގޮތުގައި ހިންގޭނީ، ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ފީނުމުގެ ހިދުމަތް ދޭ ތަންތަން، ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން، ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ރީޓެއިލް ވިޔަފާރިތައް އަދި ހިދުމަތްތަކުގެ އިތުރުން ވެސް ފަތުރުވެރިންނަށް އަމާޒުކޮށްގެން ފޯރުކޮށްދެވޭ އެހެނިހެން ޚިދުމަތްތައް ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކަށްވެސް ކަނޑައެޅިފައިވާ ފީ އެއް ދެއްކުމަށްފަހު އައިޓީއާރްއަށް ބަދަލުކޮށްލެވޭ ކަމަށް ގަވާއިދުގައިވެ އެވެ. އައިޓީއާރް ހިންގުމަށްދެވޭ ލައިސަންސްގެ މުއްދަތަކީ 20 އަހަރު ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އައިޓީއާރް ތަރައްގީކުރުމަށް ރަށް، ނުވަތަ ފަޅު، ނުވަތަ ބިން ކުއްޔަށް ދިނުމުގައި އައިޓީއާރު ތަރައްގީކުރަން ހުށަހަޅާ ފަރާތަކީ އެފަދަ މަސައްކަތެއް ކުރުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއްކަން ކަށަވަރުކުރާނެ ކަމަށެވެ. އެގޮތުން، އެ ޕްރޮޖެކްޓުގެ އިންވެސްޓްމަންޓުގެ އެންމެ ދަށް މިންވަރު ސަރުކާރުން ކަނޑައަޅައި އެ އަދަދުގެ 20 ޕަސަންޓު އިންވެސްޓްކުރާނެ މާލީ ގާބިލުކަން ހުރިކަން ދައްކުވައިދޭ ލިޔެކިޔުން ހުށަހަޅަން ޖެހޭނެ އެވެ.

އަދި ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އައިޓީއާރް ތަރައްގީކޮށް ހިންގުމަށް ދޫކުރެވޭނީ ހަމައެކަނި ސަ ރުކާރުގެ100 ޕަސަންޓޫ ހިއްސާ އޮންނަ ކުންފުންޏަކަށްކަމަށް އެ ވާއިދުގައިވެ އެވެ. އެގޮތުން ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއްގެ ކުލީގެ އެއްބަސްވުމާ ގުޅޭ ޙައްގުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގަން ފަށާތާ 10 އަހަރުދުވަސް ވުމުންނެވެ.