އެންމެ މަތީ ފެންވަރުގެ ރިސޯޓު ހިންގާ ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ފުރަތަމަ ތަރައްގީކުރި "ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް" ރިސޯޓް ހުޅުވައިފި އެވެ.

މާލެ އަތޮޅުގައި ހިއްކައިގެން ތަރައްގީކުރި ފަރި އަައިލެންޑްގައި އެ ރިސޯޓް ހުޅުވީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ތިން ރިސޯޓު ހިމެނޭ ގޮތަށް ތަރައްގީކުރި ފަރި އައިލެންޑްގައި ޕަޓީނާގެ އިތުރުން ކަޕެއްލާ އަދި މަޝްހޫރު ރިޒްކާލްޓަންގެ ރިސޯޓެއް ވެސް ވަރަށް އަވަހަށް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.

ބްރެޒިލްގެ މަޝްހޫރު ކުރެހުންތެރިއެއް ކުރުހާފައިވާ މިރޯސްޓާ ބެހޭ ގޮތުން ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓްއިން ބުނީ މި ރިސޯޓްގައި ހަ ވައްތަރެއްގެ ވިލާ ހުންނަ ކަމަށާއި އޭގެ ތެރޭގައި ބީޗް ވިލާ، ސަންސެޓް ބީލް ވިލާ، އަދި ވޯޓާ ވިލާތައް ހިމެނޭ ކަމަށެވެ.

މި ރިސޯޓްގައި 90 ވިލާއާއި 20 ސްޓޫޑިއޯ ރޫމްއާއެކު މުޅި ޖުމްލަ 120 ކޮޓަރި ހުރެ އެވެ. އަދި ރިސޯޓްގައި ތިން ކޮޓަރީގެ ބީޗް ހައުސްއެއް ވެސް ހުރެ އެވެ.

އެ ރިސޯޓްގައި 12 ރެސްޓޯރަންޓެއް ހުންނައިރު އެ ރެސްޓޯރަންޓްތަކުން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ކެއުން ލިބޭނެ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ގްރީކް މެޑިޓޭރިއަން، ސައުތު އެމެރިކާ، ޖަޕަނީޒް، ޕްރެންޗް، އަދި އަރަބި ކެއުންތައް ލިބޭ ރެސްޓޯރަންޓްތައް ވެސް ހިމެނެ އެވެ.

މި ރިސޯޓް ހެދިއރު ފަރުމާކުރުމާއި އާޓަށް ޚާއްސަ އިސްކަމެއް ދީފައިވެ އެވެ. އެގޮތުން ދުނިޔޭގެ އެކި ސަހަރައްދުތަކުގެ އާޓިސްޓުންގެ އެކި ކުރެހުންތައް ރިސޯޓްގައި ބަހައްޓާފައިވެ އެވެ.

މިމަހުގެ 18 ވަނަ ދުވަހު މި ރިސޯޓް ހުޅުވިއިރު މިހާރު ވެސް އެ ރިސޯޓްގައި ޓޫރިސްޓުން އެބަތިއްބެވެ. އަދި ގިނަ އަދަދެއްގެ ބުކިންތައް ވެސް ލިބެމުންއަންނަކަމަށް ރިސޯޓުން ބުންޏެވެ.

ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސްއަކީ ކަޕެއްލާ ހޮޓެއް ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެކެވެ. ކަޕެއްލާ ހޮޓެލް ގްރޫޕްގެ މަޝްހޫރު ހޮޓެލްތައް މުޅި ދުނިޔޭގައި ހުރިނަމަވެސް ޕަޓީނާ ހޮޓެލް އެންޑް ރިސޯޓްސްގެ ފުރަތަމަ ހޮޓެލް މި ހުޅުވީ ރާއްޖޭގަ އެވެ.

މިހާރު ތަރައްގީކުރަމުން އަންނަ ރިސޯޓްތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5،062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އަދި މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައި އެވެ.