ޅ. ތިލަމާފުށީގައި ތަރައްގީކުރި "ލަ މެރީޑިއަން ރިސޯޓު އެންޑް ސްޕާ" ހުޅުވާނީ އަންނަ އޮގަސްޓު މަހު ކަމަށް އެ ރިސޯޓު ތަރައްގީކުރުވާ ކުންފުނިން ބުނެފި އެވެ.

ތިލަމާފުށީގައި ރިސޯޓު ހުޅުވާ ރިސޯޓަކީ އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އެމެރިކާ މެރިއޮޓް އިންޓަނޭޝަނަލްގެ ރިސޯޓެކެވެ.

ލަ މެރީޑިއެން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގެ ނަމުގައި ބްރޭންޑް ކޮށްގެން ތަރައްގީކުރި މި ރިސޯޓުގައި އެކި ފަންތީގެ 154 ވިލާ ހުރެ އެވެ. އެ ވިލާތަކުގައި އެއްކޮޓަރި އާއި ދެ ކޮޓަރީގެ ވިލާތަކުގެ އިތުރުން މޫދުގައި ތަރައްގީ ކޮށްފައިވާ ވޯޓާ ވިލާތަކާއި ބީޗް ވިލާތައް ވެސް ހިމެނެ އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފުރައިގެން 35 މިނިޓުން އެ ރިސޯޓަށް ދެވޭ ހިސާބުގައި ހެދި އެ ރިސޯޓު ތަރައްގީ ކޮށްފައިވަނީ އާއިލާތަކާ އެކު ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ހާއްސަ ކޮށްގެންނެވެ. ގާތްގަނޑަކަށް ނުވަ ހެކްޓަރުގެ މި ރަށުގައި "ތިލަމާފުށި ވިލާ" ގެ ނަމުގައި ވެސް ހާއްސަ ވިލާއެއް ހަދާފައިވެ އެވެ. އަދި މި ރިސޯޓުގައި އެކި ކެއުންތައް ހިމެނޭ ގޮތަށް ހަ ރެސްޓޯރެންޓެއް ހަދާފައިވެ އެވެ

.ޅ. އަތޮޅުގައި މިހާރުވެސް ނުވަ ރިސޯޓެއް ހިންގަ އެވެ. މި އަހަރު ރާއްޖޭގައި މުޅިން އަލަށް 18 ރިސޯޓެއް ހުޅުވާނެ އެވެ.