އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް ހުސެއިން ނިޔާޒު ހަމަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނިން ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުސަތުތައް ފަހިކޮށް ދިނުމަށް އެ ކުންފުނިން އިން ހާއްސަ އަހަންމިއްޔަތުކަން ދޭ ކަމަށެވެ. އެހެންވެ ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ނިޔާޒު އައްޔަން ކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަޑައްތު ކޮށްފައިވާ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.

މިއީ އެ ކުންފުނީގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ގަތަރުގެ ޓެލެކޮމް ކުންފުނީގެ އިސް މަގާމުތަކުގެ އިތުރުން އެހެން ގިނަ މަގާމުތަކުގައި ވެސް ގިނައިން ތިބީ ބިދޭސީންނެވެ.

ނިޔާޒު އުރީދޫ މޯލްޑިވްސްއާ 2005 ވަނަ އަހަރު ގުޅި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިންވަނީ 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފަ އެވެ. އޭނާ އުރީދޫއާ ގުޅިފައި ވަނީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރު ނެޓްވޯކް ޕްލޭނިންގް އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވޯކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފަ އެވެ. ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފަ އެވެ.

މީގެ އިތުރުން، އޭނާ ވަނީ ސިންގަޕޫރުގެ ސެންޓާ ފޯ ކްރިއޭޓިވް ލީޑާޝިޕް އިން ލީޑާޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގް ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޯ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ފުރިހަމަކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، ނަޖީބް ހާން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.