މި އަހަރުގެ މިހާތަނަށް ދަށަށް ނުދާ ވަރަށް ރާއްޖޭގެ ޓޫރިޒަމް ދަށްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައިމި މަހު ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާ އެވެރެޖަކީ ދުވާލަކު 1,801 އެވެ. މި އަހަރުގެ މިހާތަނަށް ޓޫރިޒަމް އެންމެ ދަށަށް ގޮސްފައި ވަނީ މިދިޔަ މެއި މަހު އެވެ. އެ މަހުގައި އެވެރެޖްކޮށް ރާއްޖެ އައީ ދުވާލަކު 2,084 ޓޫރިސްޓުންނެވެ.

މި އަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ މާޗު މަހު އެވެ. މާޗު މަހުގައި ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 3,535 ޓޫރިސްޓުން ރާއްޖެ އަ އެވެ. އެ މަހު ރާއްޖެއަށް ޒިޔާރަތް ކުރީ 109,585 ޓޫރިސްޓުންނެވެ. ޖޫން މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 25,214 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފައި ވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 479,597 ޓޫރިސްޓުންނެވެ.

ސައުވީސް ޕަސެންޓްގެ ހިއްސާއަކާއެކު އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައީ ރަޝިޔާއިންނެވެ. ދެން އެންމެ ގިނައީ އިންޑިއާއިންނެވެ. އިންޑިއާ ހިއްސާ ކުރަނީ 18.7 ޕަސެންޓެވެ.

ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ބޯޑަރު ހުޅުވީ މިދިއަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އެވެ. އަލުން ޓޫރިޒަމް ރަނގަޅުވި ނަމަވެސް ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއެކު އަނެއްކާ ވެސް ޓޫރިޒަމް މިދަނީ ދަށްވަމުންނެވެ.