ނ. އަތޮޅުގައި ހިންގާ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓް، ޝެވަލް ބްލަންކް ރަންދެލި ރިސޯޓް އަބޫދާބީ ކުންފުންޏަކުން ގާތްގަނޑަކަށް 216 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ)އަށް ގަނެފި އެވެ.

މިއީ ރާއްޖޭގެ ރިސޯޓެއް މިހާ ބޮޑު އަގެއްގައި ވިއްކާލި ފުރަތަމަ ފަހަރު ކަމަށްވެ އެވެ.

ޔޫއޭއީގެ ގަލްފް ނިއުސްގައި ބުނެފައި ވަނީ ފްރާންސްގެ ލަގްޒަރީ ފެޝަން އުފެއްދުންތައް ތައްޔާރުކުރާ ލުއިވުޓޯން މޮއެޓް ހެނެސީ (އެލްވީއެމްއެޗް) އިން ހިންގާ ރަންދެލި ރިސޯޓުގެ ކުރީގެ ވެރިފަރާތަކީ އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ މުރުބާން އެވެ. އެ ކުންފުނިން ރަންދެލި މިމަހުގެ ކުރީކޮޅު ވިއްކާލީ ވެސް އަބޫދާބީގެ މުއްސަނދި ކުންފުންޏެއް ކަމަށްވާ އަލްފާ ދާބީ ހޮލްޑިންގެ ސަބްސިޑަރީއެއް ކަމަށްވާ އިންޓަނޭޝަނަލް ހޮލްޑިން އަށެވެ.

އަލްފާ ދާބީ ކުންފުނިން ދާދިފަހުން ވަނީ އަބޫދާބީގެ ސާދިޔަތު އައިލެންޑްގައި މުރުބާން އިން ހިންގި މަޝްހޫރު ސެންޓްރެޖިސް ހޮޓަލާއި އަލް ވަތުބާގައި ހިންގި ލަގްޒަރީ ކަލެކްޝަން ޑެޒާޓް ރިސޯޓު ވެސް ގަނެފަ އެވެ. މީގެ އިތުރުން ފެލިސިޓީ މެނޭޖްމަންޓް ކޮމްޕެނީއެއް ކަމަށްވާ އިއްތިހާދު އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ ވެސް އަލްފާ ދާބީން ދާދިފަހުން ވަނީ ގަނެފަ އެވެ.

އަލްފާ ދާބީގެ މެނޭޖިން ޑިރެކްޓަރު ހަމަދު އަލް އަމީރީ ވިދާޅުވީ އިއްތިހާދު އިންޓަނޭޝަލް ހޮސްޕިޓަލިޓީ އާއެކު މުރުބާން އަތުން ގަތް ޕްރޮޕަޓީތަކުގެ އަގު 2.5 ބިލިއަން ދިރުހަމް (680,6 މިލިއަން ޑޮލަރު) އަށް އަރާނެ ކަމަށެވެ. ރަންދެލި ނުހިމަނައި ވެސް އަލްފާ ދާބީން ގަތް ޕްރޮޕަޓީގެ އަގު 1.7 ބިލިއަން ދިރުހަމް އަށް އަރަ އެވެ.

ޝެވަލްބްލަންކް ރަންދެލި ރިސޯޓު. މި ރިސޯޓަށް ގިނައިން ޗުއްޓީ ހޭދަކުރަން އަންނަނީ މުއްސަނދި މަހުޖަނުން.

ރަންދެލި ރިސޯޓުގެ އެވްރެޖް ރޫމް ރެޓަކީ ރެއަކަށް 2،500 ޑޮލަރާއި 5،000 ޑޮލަރާ ދެމެދު އެވެ.

ސާޅީސް ފަސް ވިލާއާއެކު 2013 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި އަލްޓްރާ ލަގްޒަރީ ރިސޯޓަކީ ރާއްޖެ އަންނަ މަހުޖަނުންނާއި މަޝްހޫރު މީހުންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓެކެވެ. އެ ރިސޯޓުގެ ކޮންމެ ވިލާއަކާއެކު އިންފިނިޓީ ޕޫލެއް ވެސް އޮވެ އެވެ. މީގެ އިތުރުން އެ ރިސޯޓުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކެއުން ލިބޭ ފަސް ރެސްޓޯރަންޓް ވެސް ހުރެ އެވެ.

އެ ރިސޯޓުގެ ހެދިއިރު ޚަރަދުވީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ކަމަށްވެ އެވެ. އަދި އެ ރިސޯޓު ހެދީ ޖަރުމަނު ޑޭވިޑް ކޮތޯފް ކިޔާ މީހަކު ހެދި ބާތޯލްޑް އެންޑް ކަޓޯފް ކިޔާ ކުންފުންޏަކުންނެވެ.