ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑެޕިއުޓީ ޗީފް އޮފިސަރު ކޯޕަރޭޓް އެފެއާޒް މުހައްމަދު ނިޔާޒް 31 އަހަރަށް ފަހު މިއަދު ވަކިވެވަޑައިގެންފި އެވެ.

މިއީ މި ސަރުކާރު އައި ފަހުން އެމްއޭސީއެލްގެ އެންމެ އިސްވެރިންގެ ތެރެއިން މަގާމުން ވަކިވި ހަތަރުވަނަ ބޭފުޅާ އެވެ. މީގެ ކުރިން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު އަދި ފަޔާ އެންޑް ރެސްކިއުގެ އިސްވެރިޔާ، އަހުމަދު ފަޔާޒް (ފަޔާ) 31 އަހަރަށްފަހު މިިދިޔަ މާޗް މަހު ވަނީ މަގާމުން ވަކިވެވަޑައިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ގުޅިވަޑައިގެންފަ އެވެ. އަދި އޭގެ ކުރިން ޑެޕިއުޓީ ޗީފް އޮފިސަރުގެ މަގާމުގައި ތިއްބެވި އަލީ ރިފާއު އާއި ހާމިދު ރިޒާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އެމްއޭސީއެލްއިން ހަރަދުކޮށްގެން ކިޔެވި އަދި އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ކުންފުނީގެ އިސް ބައެއް ވެރިން މަގާމުން ވަކިވާން ޖެހުމުން ދިވެހި ސީނިއާ ބައެއް މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނިޔާޒް މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެން އެމްއޭސީއެލްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން މިއަދު ނެރުނު މެމޯއެއްގައި ބުނެފައި އޭނާއަކީ 1990 ވަނަ އަހަރުން ފެށިގެން ރިޓަޔާކުރެއްވުމާ ހަމަޔަށް 31 އަހަރުގެ ދިގު މުއްދަތަކަށް އެ ކުންފުންޏަށް ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ފިއުލް ސާވިސަސްގެ އިސް ވެރިއެއްގެ މަގާމުގައި 27 އަހަރު ހޭދަކުރެއްވި ކަމަށް އެ މެމޯގައި ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން ވަނީ ނިޔާޒް ހިދުމަތްކުރެއްވި ދިގު މުއްދަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ.

ނިޔާޒް މަގާމުން އިސްތިއުފާ ދެއްވިއިރު އެމްއޭސީއެލްއަށް އެކި ނަންނަމުގައި ބޭރުގެ ގިނަ އަދަދެއްގެ މީހުން ގެނެސް، ބޮޑު މުސާރަ އާއި އިނާޔަތްތަކާއެކު ދަނީ އިސް މަގާމުތައް ދެމުންނެވެ.