ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ވ. އަންބާރާ ތަރައްގީނުކުރުމަށް އެއަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓްރީގައި އެދެފި އެވެ.

ވ. އަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަންބަރާއަކީ ރިސޯޓެއް ތަރައްގީކުރަން ނޫނީ ސިނާއީ މަސައްކަތެއް ކުރުމަށްވުރެ މާނާޒުކު ރަށެއް ކަމަށެވެ. އަދި ބުނީ އަންބަރާގެ ސިފަތައް ގެއްލޭ ގޮތަށް އެ ރަށް ތަރައްގީ ކުރުމާ އެ އަތޮޅުގެ ރައްޔިތުން ދެކޮޅު ކަމަށެވެ. އޭގެ އިތުރުން އެރަށަކީ ވ. އަތޮޅުގައި ލޯކަލް ފަތުރުވެރިކަންކުރާ ފަރާތްތަކާއި ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުންތަކަށް މުހިއްމު އަދި އަބަދުވެސް މަޝްހޫރުވެފައިވާ ރަށެއް ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފައިވެ އެވެ.

"ވ. އަންބަރާގައި އެ ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭ ގޮތަށް އަދި ތިމާވެށީގެ ގޮތުން ހުރި ހާއްސަ ސިފަތައް ގެއްލޭ ގޮތަށް އެ ރަށް ތަރައްގީ ކުރުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް ވ. އަތޮޅުގެ ރައްޔިތުން ތާއީދު ނުކުރާކަން މިނިސްޓްރީގެ ސަމާލުކަމަށް ފާހަގަކުރަމެވެ،" އަތޮޅު ކައުންސިލުގެ ސިޓީގައިވެ އެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް އަންބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމަވާފައިވާ ނިންމެވުމާއި މެދު އަލުން ވިސްނައި، އަންބަރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުން އެންމެ ރަނގަޅު ރަށެއް ނޫންގޮތުގައި ނިންމަވާދެއްވުމަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްދިނުމަށް ވ.އަތޮޅު ރައްޔިތުންގެ ފަރާތުން އެދޭވާހަކަ ދަންނަވާ ކަމަށް ސިޓީގައި ބުންޏެވެ.

އަންބަރާ އަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ހަނދުވަރު އޯޝަން ހޮލިޑޭސް ކިޔާ ކުންފުންޏަކަށް 2013 ގައި 50 އަހަރަށް ދޫކޮށްފައިވާ ރަށެކެވެ.

އެކުންފުންޏަށް މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ދެއްވާފައިވާ "ކޮންސެޕްޓް އެޕްރޫވަލް" އަށް ރަށް ތަރައްގީކުރައްވާ ފަރާތުން ތައްޔާރުކުރައްވާއިފައި "އީއައިއޭ" ރިޕޯޓާއި ގުޅޭގޮތުން ވ.އަތޮޅު ކައުންސިލާއި މަޝްވަރާކުރުމަށް އެފަރާތުން އެދިފައިވާ ކަމަށް ވެސް އެ ސީޓިގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

އަންބަރާގައި ރިސޯޓު ހެދުމާ ދެކޮޅު ހެދީ، އެ މަސައްކަތަށް އަތޮޅު ކައުންސިލުގެ މަޝްވަރާ ހޯދަން އީއައިއޭ ހަދާ ފަރާތުން އެދުމުން އެ ކައުންސިލުން ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގަ އެވެ.

ގުދުރަތީ ގޮތުން ހާއްސަ ރީތިކަމެއް ލިބިފައިވާ އަންބަރާއަކީ ރީތި ގޮނޑުދޮށަކާއި ތުނޑިއެއް ވެސް އޮންނަ ރަށެކެވެ. އަދި އެ ރަށުގައި ކުޑަ ކަނޑޫފަލެއް ވެސް އޮވެ އެވެ.

އެ ރަށް ބަޔަކަށް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައި އޮތަސް އެއީ ވ. އަތޮޅުގެ މީހުން އެންމެ ކުރިން ވެސް އަދި މިހާރު ވެސް ޕިކްނިކް ދާ ރަށެކެވެ. އަދި އެ އަތޮޅުގެ ގެސްޓް ހައުސްތަކުން ޓޫރިސްޓުން ގޮވައިގެން އެ ތަނަށް އެކްސްކާޝަންތަކަށް ވެސް ގެންދެ އެވެ. މިއީ އެ މީހުންނަށް ވަރަށް މަންފާވާ ކަމެކެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.