ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 314.2 މިލިއަންގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސަރުކާރު ކުންފުނިތަކުގެ މި އަހަރު ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެމްއޭސީއެލްއަށް 314 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނުއިރު އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 26 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްއަށް 422.7 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ.

ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން ވަނީ އެ ކުއާޓަރުގައި 487 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފަ އެވެ. ނަމަވެސް އެއީ ކޮން ބޭނުމަކު ނެގި ލޯނެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެމްއޭސީއެލްއަށް އާމްދަނީ ލިބޭ ހުރިހާ ދިމާލަކު ވެސް ފުރަތަމަ ކުއާޓަރުގައި ކުރިއެރުން ހޯދި ކަމަށެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޑިއުޓީ ފްރީން ކަން ފާހަގަކޮށްފައިވެ އެވެ. އެ ކުއާޓަރުގައި ޑިއުޓީ ފްރީން ލިބުނު އާމްދަނީ ވަނީ 125 ޕަސެންޓް އިތުރުވެފަ އެވެ. އޭގެ އިތުރުން ތެޔޮ ވިއްކުމާއި ވައިގެ ދަތުރުފަތުރާ ގުޅުން ނެތް ވިޔަފާރިން ލިބުނު އާމްދަނީ ވެސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެ ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެއާ ޓްރެފިކް މޫވްމަންޓް އިތުރުވުން ކަން ވެސް އެ ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްއޭސީއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ފުރަތަމަ ކުއާޓަރުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 573 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.