މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ވަނީ 705،024 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 81.2 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 389،187 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. ރާއްޖެ އައި ފަތުރުވެރިންގެ 22 އިންސައްތަ ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އަވެއްޓެރި އިންޑިއާއިން 18.9 އިންސައްތަ ހިއްސާކުރާއިރު ތިން ވަނަ އެންމެ ގިނަ ފަތުރުވެރިން އައި ޖަރުނުވިލާތުން ހިއްސާކުރަނީ 5.7 އިންސައްތަ އެވެ.

މީގެ އިތުރުން ރާއްޖެއަށް މިއަހަރު ދެން އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އެމެރިކާއާއި ޔޫކްރައިނުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ދުވަހު 6،083 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު ވެސް މިހާރު ވަނީ އިތުރުވެފަ އެވެ.

މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައި ވަނީ އިންޑިއާއިން ކަރަންޓީން ވުމަށް އަންނަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމުންނެވެ.

މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި 813 ތަނެއް ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.

އަހަރު ފެށުނުއިރު ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައި ވަނީ މި އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވެވޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އޮތް ކަމަށް ވެސް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.