ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލާފައި ވާތީ ބޭނުން ނުކޮށް ހުންނަ ރެވެނިއު ސްޓޭޕްންތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ބުނީ ރެވެނިއު ސްޓޭމްޕަށް ރީފަންޑް ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ކުރިން އެ އިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. ރެވެނިއު ސްޓޭމްޕަށް ފައިސާ ލިބޭނީ އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް، ރެވެނިއު ސްޓޭމްޕާއެކު ހުށަހެޅުމުން ކަމަށް ވެސް މީރާއިން ބުނެ އެވެ.

ބޭނުންނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތަކަށް ރީފަންޑް ހޯދުމާއި ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ ރަސްމީގަޑީގައި މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން ނުވަތަ 9821415 އަށް މެސެޖު ކުރުމުން އެބޭނުންވާ މައުލޫމާތެއް ސާފު ކޮށްދޭނެ ކަމަށް މީރާ އިން ބުނެ އެވެ.

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލު ފާސްކޮށްފައި ވަނީ، މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގަ އެވެ. އެ ފަހުން ރައީސް އެ ބިލް ތަސްދީގުކުރެއްވުމާއެކު މިދިޔަ ޖުލައި 11 ވަނަ ދުވަހުން ފެށިގެން ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ވަނީ ހުއްޓާލާފަ އެވެ.

1970 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ރެވެނިއު ސްޓޭމްޕް ޖެހުން އުވައިލާން ނިންމީ ރެވެނިއު ސްޓޭމްޕުން މާ ބޮޑު އާމްދަނީއެއް ނުލިބޭތީ އެވެ.