އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް އިންޓަނެޓް ރީޗާޖު ކުރާ މިންވަރު ދަށްވުމުން، ކޮންމެ ފަހަރަކު އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން އިންޓަނެޓް އަގުހެޔޮކުރުމުގެ ގޮތުން އިންޓަނެޓް ސްޕީޑް އިތުރުކޮށް ތްރޮޓްލް ސްޕީޑް އެންމެ ދަށްވެގެން ފަސް އެމްބީޕީއެސްއަށް ހެދުމުން، އިންޓަނެޓް ޕެކޭޖް ހުސްވެގެން ރީޗާޖް ނުވަތަ ބޫސްޓްކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ.

އިންޓަނެޓްގެ އަގަށް ބަދަލު ގެނައުމުގެ ކުރިން މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ރީޗާޖް ނުވަތަ ބޫސްޓާ ޕެކޭޖްތައް ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަ އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުނިން ބުނީ އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ބްރޯޑްބޭންޑް ޕެކޭޖްތައް ރިޗާޖުކުރާ ކޮންމެ ފަހަރަކު 50 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ.

ގޭގެއަށް ދޫކޮށްފައިވާ ފަސޭހަ ހޯމް ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތަަށް ހާއްސަކޮށް ހަ ޕެކޭޖެއް އުރީދޫން ތައާރަފު ކޮށްފައިވެ އެވެ.

ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ އާއި 50ޖީބީ އާއި 60ޖީބީ އާއި 120ޖީބީ އާއި 180ޖީބީ އަދި 500ޖީބީގެ ޕެކޭޖުތައް ހިމެނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން 20ޖީބީގެ ޕެކޭޖެއް ރީޗާޖު ކުރުމުން އިތުރު 10ޖީބީ އާއެކު ޖުމްލަ 30ޖީބީ ލިބޭނެ އެވެ.

އުރީދު ފަސޭހަ ހޯމް ބްރޯޑް ބޭންޑް ޕެކޭޖުތައް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ރިޗާޖު ކުރެވޭނެ އެވެ.

އުރީދޫން ރާއްޖޭގައި ހިދުމަތްދޭތާ 16 އަހަރުވެފައިވާއިރު، އެ ކުންފުނިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.