ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޯޓުތަކަށް އަޅާ ޖެޓް ފިއުލް އެއްވެސް ދަތިކަމެއް ނުވެ، ކުރިއެކޭވެސް އެއްގޮތަށް ތެޔޮ ލިބޭނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން ބުނީ ޖެޓް ފިއުލްގެ ޝިޕްމެންޓެއް ލަސްވި ނަމަވެސް ފްލައިޓްތަކަށް ދަތިނުވެ، ކުރިއެކޭ ވެސް އެއްގޮތަށް ތެޔޮ ލިބޭނެ ކަމަށެވެ.

ތެޔޮ ޝިޕްމެންޓް ލަސްވީ ރާއްޖެއަށް ތެޔޮ އެތެރެކުރާ ބަނދަރުން ތެޔޮ އެތެރެ ކުރުމުގައި ދަތިތަކެއް އުޅޭތީ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

މީގެ އިތުރުން އެމްއޭސީއެލްއިން ބުނީ ޝިޕްމެންޓު ލަސްވުމުން ކުރިމަތިވެދާނެ ގެއްލުމެއް ކުޑަ ކުރުމަށްޓަކައި އެއާލައިން ޕާޓްނަރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ޝިޕްމެންޓް ލަސްވުމުގެ ސަބަބުން ތެލުގެ އަގަށް ބަދަލެއް އައިސްފައި ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ ދާދި ފަހުން ތެލުގެ އަގަށް ގެނައި ބަދަލަކީ ތެލުގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާ އެކު އާއްމު އުސޫލުން ގެނައި ބަދަލެއް ކަމަށެވެ.

މީގެ އިތުރުން ޖެޓް ފިއުލް ބޯޓުތަކަށް ބޭނުންވާ ވަރަށް ލިބެން ހުންނާނެ ކަމަށާއި އެއާޕޯޓުގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްއިން ދިނެވެ.