އަލަށް އެކުލަވާލި "ކުންފުނީގެ ބިލް"ގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވިޔަފާރިތަކަށް ފަހި މާޙައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތައިލުމަށް "ކުންފުނީގެ ބިލް"ގެ ދެލިކޮޕީ އެކުލަވައިލައި މި ބިލަށް އާންމުންގެ ޚިޔާލަށް ހުޅުވައިލާފައިވާ ކަމަށެވެ.

މި ބިލު ތައްޔާރު ކުރުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އިގްތިސާދަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 ގައި ހިމަނާފައިވާ މުހިއްމު ސިޔާސަތުތަކުގެ ތެރެއިން، ތިޖާރީ މުއާމަލާތްތަކަށް އެކަށޭނަ ގާނޫނީ އޮނިގަނޑެއް ތަޢާރަފުކޮށް، ވަރލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި، ވިޔަފާރިތަކަށް ފަހި މާޙައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތާލުން ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މި ބިލަށް ހިޔާލު ހުށަހަޅަން ހުޅުވައިލައިފައި ވަނީ މިހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އަދި ޚިޔާލު ފޮނުވާނީ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލެއްގެ ގޮތުގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ