ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ހިދުމަތްތައް ބޮއްސުންލައި ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވަނިކޮށް، އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްއޭސީއެލްގެ މެނޭޖްމަންޓުން ނިންމާފައި ވަނީ މުވައްޒަފުންގެ މުސާރަ ފަސް ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަދަދެއް ބޮޑުކުރަން ކަމަށެވެ. އެގޮތުން 20 ޕަސެންޓް މުސާރަ ބޮޑު އެންމެ މަދުން މުސާރަ ލިބޭ ކެޓަގަރީގެ މުވައްޒަފުންނަށް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުންފުނީގެ އެންމެ މަތީ ލެވެލްގެ މުވައްޒަފުންގެ މުސާރަ ފަސް ޕަސެންޓް ބޮޑުވާއިރު، ބިދޭސީ ސީނިއާ އެއްވެސް މުވައްޒަފެއްގެ މުސާރަ ބޮޑުކުރަން ހަމަޖެހިފައި ނުވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ކޮވިޑްގެ ދަތި ހާލަތުގައި ވެސް ކުންފުނީގެ މުވައްޒަފުން ވިޔަފާރި މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި މުސާރަ ބޮޑުކުރަން ނިންމީ މުވައްޒަފުން ކުރި މަސައްކަތުގެ އަގު ވަޒަންކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުނިން ބުނީ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި މާކެޓް ރޭޓްތަކަށް ބަލާ ކަމަށެވެ. އަދި މުސާރައިގެ އިތުރުން ހެލްތު އިންޝޫރަންސް އާއި ދަތުރުފަތުރުގެ ހަރަދު، ހިލޭ ޕާކުކުރުން، ސްޓާފް ލޯން، ދަރިންގެ ލޯނު، ސްޓާފް ޑިވެލޮޕްމަންޓް ސްކީމް ވެސް ކުރިޔަށް ގެންދާ ކަމަށެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމިއިރު، އެތަނުގެ ހިދުމަތްތައް ބޮއްސުންލައި، ޗެކިން ކައުންޓަރުގެ ހިދުމަތާއި ބޯޓުފުރުވުމާއި ޖެއްސުމުން ލިބެން ޖެހޭ ހިދުމަތްތައް ލިބުން ލަސްވެ، ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަކުވާކުރެ އެވެ. އަދި ބިދޭސީ ސީއީއޯއަކާއި އެންމެ ސީނިއާ މަގާމުތަކަށް ބިދޭސީން ބޮޑު މުސާރަ އާއި އިނާޔަތްތައް ދީގެން ގެނައި ނަމަވެސް ކުންފުނީގެ ހިދުމަތްތަކަށް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.