އަންނަ ފިނި މޫސުމާ ދިމާކޮށް ޔޫރަޕްގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނީ އަލަށް ދަތުރުތައް ފަށަން ނިންމާފައި ވަނީ ޖަރުމަނުގެ ލުފްތާންސާ އާއި އޮސްޓްރިއާގެ އޮސްޓްރިއަން އެއާލައިންސް އާއި ރަޝިއާގެ އަޒުރު އެއާ އަދި އެ ގައުމުގެ ނޯޑްވިންޑް އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި ޖަރުމަނު ލުފްތާންސާގެ ދަތުރުތައް އަންނަ ބުދަ ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ އެއާލައިނުން ހަފުތާއަކު ދެ ދަތުރުކުރާނެ އެވެ. އެއީ ކޮންމެ އާދީއްތަ އަދި ބުދަ ދުވަހެ އެވެ.

އޭގެ އިތުރުން އޮސްޓްރިއަން އެއާލައިނުން ދަތުރުކުރާނީ އޮސްޓްރިއާގެ ވިއެނާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ. އެ އެއާލައިންގެ ދަތުރުތައް މާދަމާ ފަށާއިރު، ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ އެވެ.

ރަޝިއާގެ އަޒުރު އެއާއިން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރާނެ އެވެ. އެއީ ކޮންމެ ބުދަ، ހޮނިހިރު، އާދީއްތަ ދުވަހު އެވެ. އޭގެ އިތުރުން އެ ގައުމުގެ ނޯޑްވިންޑް ދަތުރުތައް ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ހަފުތާއަކު ދެ ފްލައިޓެވެ. އެއީ ކޮންމެ ބުދަ އަދި ހޮނިހިރެވެ.

ރަޝިއާއިން މިހާރު ވެސް އެއިރޯފްލޮޓް އަންނަނީ ހަފުތާއަކު ދެ ދަތުރުކުރަމުންނެވެ. އަދި އެއާލައިންގެ ދަތުރުތައް ވެސް އިތުރުކުރަން ނިންމާފައިވެ އެވެ.

ޔޫރަޕްގެ ހަތަރު އެއާލައިންގެ އިތުރުން ފްލައި ޑުބާއީގެ ދަތުރުތައް ވެސް އަންނަ އަންގާރަ ދުވަހު ފެށުމަށް ވަނީ ނިންމައިފަ އެވެ. އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ހަތަރު ދަތުރުކުރަން ނިންމާފައިވެ އެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.