ކޮވިޑް -19 އާ ހެދި މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަނުވިޔަސް، މިއަހަރު އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

މިއަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓުގެ ގޮތުގައި ވަނީ ފްރާންސްގެ ވިންސެންޓް ވިކްޓޮ ކޮރަންޓިން ޕިޓައު އެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި 20ވަނަ ފަހަރެވެ.

ވިންސެންޓް މިއަދު ރާއްޖެ އައީ އޭނާގެ އަންހެނުންނާއެކު އެވެ. އެއް މިލިއަން ޓޫރިސްޓުގެ ގޮތުގައި އައި މީހާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ސަގާފީ ނެށުންތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބައިވެރިވި އެވެ. އަދި އެ އިދާރާތަކުން ވަނީ ވިންސެންޓްގެ ދެމަފިރިންނަށް ޚާއްސަ ހަދިޔާތަކެއް ވެސް ދީފަ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓުގެ ގޮތުގައި ހޮވުނު ފްރާންސްގެ ވިންސެންޓް ވިކްޓޮ ކޮރަންޓިން ޕިޓައުއަށް މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ހަދިޔާއެއް ދެއްވަނީ. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިއިރު، ކޮވިޑާ ގުޅިގެން ރާއްޖޭގެ ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން މިދިޔަ އަހަރުގެ ނިޔަލަށް އައީ ޖުމްލަ 555,494 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވާލުމުން ރާއްޖެއަށް މަޑުމަޑުން އަންނަން ފެށި އެވެ. އަދި އޭގެ ފަހުން ރާއްޖޭގެ ގިނަ ރިސޯޓުތައް ވެސް އަލުން ހުޅުވައި ހިދުމަތް ދޭން ފެށުމުން މިއަހަރު ރާއްޖެއަށް މިލިއަނަކަށް ވުރެ ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން ކޮންމެ މަހަކު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.