ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްގީކުރި އޭޕްރަންގެ ރަސްމީކޮށް ހުޅުވައިފި އެވެ.

އޭޕްރަން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑުރޫ ވިދާޅުވީ ވެސްޓް އޭޕްރަން ހުޅުވުމާއެކު ވެލާނާ އެއާޕޯޓްގެ ހިދުމަތް އަވަހަށް ރައްޖާތެރިކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ.

ވެސްޓް އޭޕްރަންއަކީ ޑޮމެސްޓިކް ޓާމިނަލްއާ ކައިރިވުމުން މީހުން އުފުލުމަށް ބަސް ބޭނުންކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ތިޔާގި ދުވަސްވަރު ކަމަށްވާތީ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި އިތުރު މުވައްޒަފުންނާއި ވަސީލަތްތައް ހޯދަމުން އަންނަ ކަމަށް ވެސް އެންޑުރޫ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސްޓް އޭޕްރަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު

މި އޭޕަރަންއަކީ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ފްލައިޓްތަކަށް ވެސް ޕާކް ކުރެވޭނެ ގޮތަށް ހަދާފައިވާ އޭޕަރަންއެކެވެ. މިތަނުގައި ޖުމްލަ ނުވަ އެއާކްރާފްޓްއަކަށް ޕާކްކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ވެސްޓް އޭޕްރަން ހުޅުވުމުގެ ގޮތުން މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިންއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓް Q2707 އަށެވެ. ބޯޓަށް މަރުހަބާކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ވަނީ ދީފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ތަރައްގީކުރާ އޭޕްރަންތަކުގައި ފްލައިޓްތަކަށް ތެޔޮ އެޅުމަށް ފިއުލް ބައުޒަރާ ނުލާއި، ތެޔޮ އަޅަން ފިއުލް ހައިޑްރަންޓް ނެޓްވޯކް އަޅައިގެން ބޯޓަށް ހޮޅިއެއް ބޭނުންކޮށްގެން ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖައްސާފައި ހުރެ އެވެ.