މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 14،000 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅައި ބަލައި ލިބުނު ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި އަޅައި ބަލައި މިއަހަރު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 336.6 އިންސައްތަ އަށް ކުރިއަރާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 3,258 ފަތުރުވެރިންނެވެ. އަދި އޭގެ ކުރީ އަހަރު (2019 ވަނަ އަހަރު) ރާއްޖެ ޒިޔާރާތްކުރީ 15,195 ފަތުރުވެރިންނެވެ.

މުޅި ދުނިޔެއަށް ދިމާވި ކޮވިޑުގެ ބަލިމަޑުކަމާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފާއިތުވި އަހަރުތަކުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މިގޮތުން ފާއިތުވި އަހަރުތަކާއި ހިލާފަށް މިމަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެ ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 14,226 އެވެ. އަދި މިއަހަރުގެ މިހާތަނަށް 1,027,154 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި ފާހަގަކޮށްލެވެނީ އިންޑިޔާއިން އަންނަ ފަތުރުވެރިންނާއި ރަޝިޔާ އަދި ޖަރުމަނުން އަންނަ ފަތުރުވެރިންނެވެ. ލިސްޓުގެ ހަތަރުވަނައިގައި ހިމެނެނީ ޔޫއެސްއޭ އިން އަންނަ ފަތުރުވެރިންނެވެ.