ބޮޑު މުސާރައާއެކު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އަނެއްކާ ވެސް ބިދޭސީއަކު ގެނެސްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަން ބޮއްސުންލައި، މަތިންދާބޯޓުތައް ނުޖެއްސި މަތީގައި އެތައް ގަޑިއިރެއްވަންދެން މަޑުކުރަން ޖެހި، އަދި ޝެޑިއުލްގައިވާ ގޮތަށް ނުފުރި ޓޫރިސްޓުންތައް އެއާޕޯޓުގައި ތާށިވަމުންދާތީ އެ އެއާޕޯޓުގައި ރިސޯޓުތަކާއި އެއާލައިންތަކުގެ ފަރާތުން މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވި ދެންނެވުމެއްގައި ވަނީ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަށް މިއަދުން ފެށިގެން ހަމަޖެއްސި އިނގިރޭސިވިލާތުގެ ޑެރެން ވިލިއަމްއަކީ އެއާޕޯޓު ހިންގުމުގެ، އޮޕަރޭޝަންސް އަދި ކޮމްޕްލަޔަންސްގެ 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ދުބާއީ އެއާޕޯޓުގައި ދިހަ އަހަރުވަންދެން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ އެއާޕޯޓުތަކުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ. އަދި ޑެރަން މަސައްކަތްކުރާނީ އެ ކުންފުނީގެ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޯރަޓް)ގެ ޓީމާ ގުޅިގެން ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ޑެރަން މަސައްކަތްކުރާނީ ސީދާ އެ ކުންފުނީގެ ސީއީއޯގެ އިނގިރޭސިވިލާތުގެ އެންޑްރޫ ސްޓުއާޓްގެ ބެލުމުގެ ދަށުންނެވެ. އެމްއެސީއެލްގެ ސީއީއޯގެ މަގާމަށް އެންޑްރޫ ގެނައި ފަހުން އެ ކުންފުނީގެ އެންމެ އިސް މަގާމުތަކަށް އޭނާއާއެކު ކުރިން މަސައްކަތްކުރި އެކިއެކި މީހުންނާއި ގިނަ އަދަދެއްގެ ބޭރު މީހުން ގެނެސްފައިވެ އެވެ. އަދި އެ ކުންފުނީގެ އިސް މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ތަޖުރިބާކާރު ބައެއް ދިވެހިން ވަނީ މަގާމުން ވަކިކޮށް އަދި އަމިއްލަ ވަކިވެވެފަ އެވެ.

އެމްއޭސީއެލް އިން އެ ކުންފުނީގެ އިސް މަގާމުތަކަށް ބިދޭސީން ގެންނަނީ ބޮޑު މުސާރަ އާއި ވަރަށް ބޮޑެތި އިނާޔަތްތަކާއެކު އެވެ. އެ މީހުންނަށް އެކޮމަޑޭޝަނާއި ދުއްވާނެ ވެހިކަލްގެ އިތުރުން އެއާޕޯޓުގެ ވީއައިޕީ ވެސް ހިލޭ ބޭނުންކުރެ އެވެ.