ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރުގެ ބެޑް ނައިޓްސްއަށް ވުރެ މިއަހަރުގެ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މިއަަހަރު ޓޫރިސްޓުން އަންނާނެ އަދަދުތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. އަދި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ބެޑް ނައިޓްސްގެ އަދަދުވެސް 2019 ވަނަ އަހަރަށްވުރެ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް މިއަހަރު އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާތީ ޓޫރިޒަމް މިިނިސްޓަރު ވަނީ ޓޫރިޒަމް ނަގަހައްޓައި ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.074،154 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،710 ޓޫރިސްޓުން އާދެ އެވެ. އަދި މި އަދަދަށް އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި 226،080 ޓޫރިސްޓުން ރާއްޖެއަށް އައިސް، އަހަރު ނިމޭއިރު ޖުމްލަ 1.300،234 ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް 61،226 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މިއީ 2019 ވަނަ އަހަރު މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 57677 ޓޫރިސްޓުނާ އަޅާ ބަލާއިރު 6.2 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެ އެވެ. 2019 އަހަރު މި އަދަދު ހުރީ 6 ދުވަހުގަ އެވެ.