ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހަށް މިދިޔަ އާދިއްތަ ދުވަސްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެގޮތުން އެ ދުވަހު ރާއްޖެއަށް އައިސްފައި ވަނީ 6،269 ފަތުރުވެރިންނެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަހަރު ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 6،197 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި އޮގަސްޓް ހަތް ވަނަ ދުވަހު 6،083 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،162،425 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ސަރުކާރުގެ އާ ޓާގެޓަކީ މި އަހަރު ނިމޭ އިރު ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.