އިންޑިއާ ކަނޑުގެ އެއްވެސް ގައުމެއްގައި މިހާތަނަށް ހަދާފައިވާ ނުވާވަރުގެ ބޮޑު ފްލޯޓިން ވޯޓާ ޕާކެއް ރާއްޖޭގެ ރިސޯޓެއްގައި ތަރައްގީ ކޮށްފި އެވެ.

އެގޮތުން އެންމެ ބޮޑު ފްލޯޓިންގް ވޯޓާ ޕާކް ތަރައްގީ ކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހު ހުއްވުމަށް ތައްޔާރުވަމުން އަންނަ ނ. ދިގުރަށުގައި ތަރައްގީކުރަމުން އަންނަ 490 ކޮޓަރީގެ "ސިޔާމް ވޯލްޑް" ރިސޯޓުގަ އެވެ. އެ ރިސޯޓްގައި ތަރައްގީކުރި ފްލޯޓިން ވޯޓާ ޕާކްގެ ބޮޑު މިނުގައި 2،580 އަކަމީޓަރު ހުރެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ "ސިޔާމް ވޯލްޑް މޯލްޑިވްސް" އިން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެނިގެންދާ ގޮތުން މި ވޯޓާ ޕާކް ތަރައްގީ ކޮށްފައިވަނީ އިނގިރޭސި އަކުރުތަކުން "ސިޔާމް" ލިއެފައިވާ ގޮތަށެވެ.

މި ފްލޯޓިން ވޯޓާ ޕާކް ހަދާފައިވަނީ ދުނިޔޭގެ މި ޒާތުގެ މަސައްކަތްކުރުމުގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ޖަރުމަނުގެ ވިބިޓް ސްޕޯޓްސް އިންނެވެ.

ސިޔާމް ވޯޓާ ވޯލްޑް އެ ރިސޯޓަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް 24 ގަޑިއިރު ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފާ ވާއިރު، މިތަނުގައި އިންޑޯ ޕޫލް އާއި އޯޕަން ވޯޓާފްރޮންޓް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

ސިޔާމް ވޯޓާ ވޯލްޑުގައި ސްލައިޑްތަކާއި، ކްލައިމްބިންގް ޓަވާ، 3-2 މީޓަރުގެ ސްޕްރިންގްބޯޑެއް އަދި ކައްސާ ގޮތަށް ޑިޒައިން ކޮށްފައިވާ ހާފްޕައިޕް ހިމެނޭ ކަމަށް އެ ސިޔާމް ވޯލްޑް ކުންފުނިން ބުނެ އެވެ.

"ސިޔާމް ވޯޓާ ވޯލްޑް" ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އުމުރުން ހަ އަހަރުން މަތީގެ ކުދިންނާއި މީހުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.